Published on 19 June 2025
ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) ތަރައްޤީކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެފްޑީސީގެ "އަމާން" ޓަވަރުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރާތުގައި، ސަރުކާރުގެ ވަޒީރުންނާއި، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލްގެ އިތުރުން، އެފްޑީސީ އަދި ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، މި މަޝްރޫޢު ހިނގަމުންދާ ސައިޓްތަކަށް ވަޑައިގެން، ޓަވަރުތަކުގެ ފިނިޝިންގ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ. މީގެ ތެރޭގައި، އެންބީސީސީ އަދި ކޭޕީއައިއެލުން ތަރައްޤީކުރާ ޓަވަރުތަކަށް ޒިޔާރަތްކުރައްވައި، ކޮންޓްރެކްޓަރުން މަސައްކަތް ކުރިއަށްގެންދާ އުސޫލުތަކާއި، ފިނިޝިންގ މަސައްކަތްތަކުގެ ފެންވަރު ބައްލަވާލެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޔުނިޓްތަކުގެ ލޭއައުޓްތަކާއި، އެތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތަފްސީލީ މަޢުލޫމާތާއި، ޢިމާރާތްކުރުމުގެ ސްޕީޑާއި ހާސިލްކުރެވިފައިވާ ލަނޑުދަނޑިތައް އެފްޑީސީގެ ޓީމުން ރައީސުލްޖުމްހޫރިއްޔާއަށް ތަފްޞީލުކޮށް އެރުވިއެވެ.
މި ޒިޔާރަތުގައި މީޑިއާއާއި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ ގޮތުން ޖުލައި މަހުގެ ތެރޭގައި އެގްރީމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތްފަށާނެ ކަމަށެވެ. އަދި ސެޕްޓެންބަރު މަހުގެ ނިޔަލަށް 4000 ޔުނިޓް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެފްޑީސީއިން ތަރައްޤީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ޚިޔާލުފާޅުކުރައްވަމުން، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، އެންބީސީސީއިން ތަރައްޤީކުރާ 16 ޓަވަރުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، ކޭޕީއައިއެލްއިން ތަރައްޤީކުރާ 16 ޓަވަރުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި ކޯޕަރޭޝަނުގެ ދަށުން ޖުމްލަ 4000 ހައުސިންގ ޔުނިޓް ތަރައްގީކުރަމުން އަންނައިރު، މި ޔުނިޓްތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައެވެ. އެގޮތުން، ފްލެޓްތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ހަރުކޮށް، ކުލަލައި، ފާހަނަތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެއެވެ.
ހެޔޮ އަގެއްގައި ދެމެހެއްޓެނިވި އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެފްޑީސީގެ އެންމެ ބޮޑު އަމާޒެވެ.